އާދިއްތަ, November 15
މީޑިއާ ބިލާ ގުޅިގެން މަޖިލީހުން މީޑިއާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން މީޑިއާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާ މީޑިއާ ބިލާ ގުޅޭގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާއެކު މަޝްވަރާކުރުމަށްޓަކައި 1 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި އެ އިދާރާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މީޑިއާތަކުން ބައިވެރިވުމަށް ކޮމިޓީން އެދޭ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. އެ އިޢުލާނުގައިވާ ގޮތުން ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއަކުން ގިނަވެގެން އެކަކަށެވެ.

އެހެންކަމުން މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީޑިއާތަކުން އޮގަސްޓު 31 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް އެދިފައެވެ.

މި ބިލާ ގުޅޭގޮތުން މީޑިއާތަކާއެކު މަޝްވަރާކުރުމަށް ކޮމިޓީން ނިންމާފައިވާއިރު، މި ބިލު މަޖިލީހަށް ބަލައިނުގަނެ އަނބުރާ ގެންދިއުމަށް ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން ވަނީ ގޮވާލައި އިހުތިޖާޖުކޮށްފައެވެ. މިގޮތުން އިއްޔެއާއި މިއަދުވެސް ނޫސްވެރިންގެ އިހުތިޖާޖުތައް ކުރިއަށްގެންގޮސްފައިވާއިރު، ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާ ބައްދަލުކުރައްވައިފައެވެ.

އަދި މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު އަނބުރާ ގެންދަން ނުޖެހޭ ކަމަށާއި، ނަމަވެސް ބިލަށް އިޞްލާޙުތަކެއް ގެނެވިދާނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު