Tuesday, November 3
ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރަން، އިޞްލާހު ކުރެވިދާނެ: އޭޖީ

މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމަށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ.

އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުން ހިއްސާކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ކަމާ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއަށްފަހު، ބަންޑާރަ ނައިބުގެ އޮފީހުން މިފަދަ ބިލެއްގެ މަސައްކަތް ފަށައި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މީގެ ކުރިން ހުށަހެޅި ބިލް އަނބުރާ ގެންދިއުމާއި އެކު ބިލާ ގުޅޭ މަޝްވަރާތަކާއި ދިރާސާތަކެއް ބަންޑާރަނައިބްގެ އޮފީހުން ހަދަން ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު މި ހުށަހަޅާފައި އޮތް ބިލު ހުށަހެޅިފައިވަނީ އެ މަސައްކަތް ނުނިމެނީސް ކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. ނަމަވެސް، ބިލު އަނބުރާ ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރިއަށް ގެންދާނީ އިތުރަށް ދިރާސާކޮށް، އިސްލާހުކުރުމުގެ މަސައްކަތްތައް ކުރުމަށްކަން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށާއި ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލެއް ނުކުރައްވާކަމަށެވެ.

ސަރުކާރުން މީޑިއާއަށް ބާރުފޯރުވަން ނޫޅުއްވާ ކަމަށް ބަންޑާރަ ނައިބްވެސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު