އާދިއްތަ, November 15
މީޑިއާ ބިލުގެ މަސައްކަތް ސެޕްޓެންބަރު 15 ގެ ކުރިން ނިންމަނީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ މަސައްކަތްތައް އަންނަ މަހުގެ 15 ގެ ކުރިން ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް 49 މެންބަރުން ވޯޓުދެއްވިއިރު، 12 މެންބަރުން ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ސެޕްޓެންބަރު 6 ވަނަ ދުވަހުގެ ނިޔަލަށް މި ބިލު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށާއި، އަންނަ ހަފުތާގެ ތެރޭގައި ބިލާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށްވެސް ނިންމައިފައެވެ.

މި ބިލުގައިވާ ގޮތުން ބިލަށް ޢަމަލުކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާނެ ކަމަށާއި، އޭގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ބާކީ ތިން މެންބަރުން އިންތިޚާބުކުރާނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާޠިލް ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން މީޑިއާއެއްގެ މައްސަލަ ބަލަމުން ދަނިކޮށް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓަށް ގޮސްގެން އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވާއިރު، ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މި ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު