އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީސީން ޤާނޫނާ ޚިލާފަށް އެ ޕާޓީ އުވާލުމަށް ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެއީ ކަނޑައެޅިގެން އެ ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި އެ ޕާޓީއަށް ޤާނޫނުއަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭ ގޮތަށް ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން އެމްޓީޑީން ބުނީ މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި ބައިވެރިވުމުގެ އަސާސީ ޙައްޤަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ ޢަމަލެއް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް ބޭއިންސާފުން ނިންމާފައިވާ މި ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތެއް މި ޕާޓީން ކުރާނެ ވާހަކަ ދަންނަވަން. އަދި މިކަމުގައި ޑިމޮކްރަޓިކް މުއައްސަސާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ބައިނަލްއަޤްވާމީ ބައިވެރިން މި ޕާޓީއާ ޕާޓީގެ މެންބަރުންނާއެކު ތިބުމަށް ގޮވާލަން"، އެމްޓީޑީގެ ބަޔާނުގައި ވެއެވެ.
އެމްޓީޑީން ބުނީ ސިޔާސީ ގޮތުން އެ ޕާޓީ ހިމޭންކުރުމަށް ކުރަމުންދާ މަސައްކަް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އިންސާފާއި ޑިމޮކްރަސީގެ ހަމަތައް މިނިވަންކަމާއެކު ކުރިއަރުވަން ޖެހޭނެ ކަމަށެވެ.