Tuesday, November 3
ކުޅުދުއްފުށީ ޕޯޓްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަސާސީ ކާނާގެ ބާވަތްތައް ޑިއުޓީއަކާ ނުލައި ގުދަންކުރެވޭނެ ބޮންޑެޑް ޒޯނެއް ކުޅުދުއްފުށި ސިޓީގައި ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ އެމްޕީއެލްއާއެކުގައެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން އެވެ.

މި އެއްބަސްވުމުގެ ދަށުން ޑިއުޓީ ނުނަގާގޮތަށް، ކާޑުގެ ބާވަތްތަކާއި، އަސާސީ ކާނާގެ ބާވަތްތައް އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ތައާރަފުކުރެވިގެން ދާނެއެވެ. މި ޒޯން މެދުވެރިކޮށް ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް މުދާ ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން ރިސޯޓުތަކަށް ގެންނަ ރިސްޓްރިކްޓެޑް މުދާ ކުޅުދުއްފުށި ސިޓީ ބަނދަރުގައި ބެހެއްޓޭ ގޮތަށް ބޮންޑެޑް ވެއާހައުސްގެ ޚިދުމަތް ވެސް ތައާރަފުކުރެވިގެންދާނެއެވެ. މީގެ ސަބަބުން އުތުރުގެ ރިސޯޓު ވިޔަފާރިތަކަށް ރިސްޓްރިކްޓެޑް މުދާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަތައް ކުޑަވެ، ލުއިފަސޭހަ ލިބިގެންދާނެއެވެ.

އަންގާރަ ދުވަހުން ފެށިގެން ދެ ޚިދުމަތެއް ލިބޭނެކަން ފާހަގަކޮށް ސަރުކާރުން ބުނީ ކުޅުދުއްފުށީ ބަނދަރުގެ މަގަތު ފާލަމުގެ އެއްބައި، ޑޮމެސްޓިކް އުޅަނދުތަކަށް ޚާއްސަކޮށް ސީދާ ބަނދަރުން މުދާ ލޯޑުކޮށްގެން އެހެން ރަށްރަށަށް މުދާ ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގައި ވިޔަފާރިވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ޚަރަދުވެސް ކުޑަވެގެން ދާނެއެވެ.

ހަމަ އެހެންމެ، ކޮންސްޓްރަކްޝަންގެ މަސައްކަތަށް ބޭނުންވާ ހިލަ އަދި ހިލަވެލި ރައްކާކުރެވޭނެ ސަރަހައްދެއް ވެސް ވަނީ ކަނޑައަޅާފައެވެ. މި ޚިދުމަތުގެ ސަބަބުން މި ވިޔަފާރި ކުރާ ފަރާތްތަކަށް ބަނދަރުގެ ސަރަހައްދުގައި ހިލަ އަދި ހިލަވެލި ރައްކާކޮށް، ބޭނުންޖެހޭ ވަރަކުން ކަސްޓަމްސް އިން ކްލިއަރ ކޮށް ސަޕްލައިކުރަން މަގުފަހިވެގެން ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު