Saturday, October 31
’މަޢުރިފާ 2025′ ފޮތް މަޢުރަޒު ހުޅުވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފޮތްމައުރަޒު "މަޢުރިފާ 2025″ މިއަދު ހުޅުވައިފިއެވެ.

މިއަދު ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެއެވެ.

އެގޮތުން ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މައުރަޒު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު