އާދިއްތަ, November 15
ޚާރިޖީ ވަޒީރު ސަޢޫދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއާގެ ޖިއްދާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި ވަޒީރު ޑރ. ޚަލީލް ސަޢޫދީއަށް ވަޑައިގެންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިޒްރޭލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި މުޅި ޣައްޒާގެ ހިންގުން އިޒްރޭލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމަށް އަޅައިފައިވާ ފިޔަވަޅެއްކަމަށާއި އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ އިޒްރޭލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ނުވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމުގައި ވިދާޅުވިއެވެ. އަދި ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަމަށާއި އަދި މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު ދިވެހިރާއްޖެއިން މި ޖަމުޢިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު