Tuesday, November 3
މީޑިއާ ކޮންޓްރޯލް ކުރުމުގެ ޝައުގެއް ނެތް: ރައީސް

މީޑިއާ ކޮންޓްރޯލް ކުރުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާއި، އެއީ އެއްވެސް އިރަކު އެމަނިކުފާނު ނުކުރައްވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު އެއްވެސް ޝައުގުވެރިކަމެއް ހުރިކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރަކު ކުރިކަމެއް ވެސް ނޫން. ކުރާނެވެސް ކަމެއް ނޫން. އެހެންނަމަވެސް ޒިންމާދާރުކަމާއެކީގަ ހުރިހާ ފަރާތްތަކުން މަސައްކަތްކުރަން ޖެހޭނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ބިލާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވިގޮތް ހާމަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިލުގައި އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް ނޯންނާނެކަން، ސަރުކާރުގެ ޕާޓީ "ޕީއެންސީ" ގެ މަޖިލިސް މެންބަރުންނަށް އަންގަވާފައިވާނެ ކަމަށެވެ.

ބިލުގައި ހުށަހަޅާފައިވާ ގޮތުން، ބިލް ފާސްވެގެން ޤާނޫނަކަށް ވާއިރު ކޮމިޝަނުގެ ރައީސަކަށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާ އޮންނަންވާނީ މިނިވަންކަމާއެކު ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކީގައި ކަމަށެވެ. އަދި، މިހާރު އޮތް ބިލުގައި ވެސް ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ކަނޑައެޅިގެންދާނީ މީޑިއާތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު އޮތް ބިލުގަ އޮތްގޮތުން ވެސް ހަތް މެންބަރުންގެ ކޮމިޝަނެއް ހަދާގޮތަށް އޮތްއިރު، ހަތަރު މެންބަރުން އައްޔަނުކުރާނީ މީޑިއާތަކުން ވޯޓުލައިގެން ކަމަށެވެ. ދެންތިބި ތިން މެންބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުން ވޯޓުލައިގެން ހުޅުވާލައިގެން ލިބޭ ނަންތަކުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު