އާދިއްތަ, November 15
ޞައްޙަ ނޫން ސެޓުފިކެޓުތައް ބޭނުންކުރުމުގެ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕީޖީ އަށް ވަނީ ފޮނުވާފައި: ފުލުހުން

ޞައްޙަ ނޫން ސެޓުފިކެޓުތައް ބޭނުންކުރުމުގެ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕީޖީ އަށް ވަނީ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން އިތުރުވެފައިވާ ކަމަށާއި، މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންނާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިގޮތުން މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

"ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ (ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެއް.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން"، ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ. އަދި ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. މިގޮތުން ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު