ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރ އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަނބުރާ ގެންދިއުމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތުޅާދޫ ދާއިރާ މެންބަރުން ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެހި ޤާނޫނު އަސާސީގައި މުތުލަޤަށް ލިޔެވި ކަށަވަރުކޮށްދީފައިވާ ދުލާ، ގަލަމުގެ މިނިވަންކަމަކީ ދިވެހި ރައްޔިތުން މަގުމަތިން، އިހްތިޖާޖްތަކުގައި، ރަތްދަކަ އަވީގައި، އަގުހުރި ވަގުތާއި، އޮހޮރުނު އެތައްދަލަކުން ހޯދާފައިވާ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު ކަމަށާއި، މި ހައްސާސް މަސައްކަތުގެ އެންމެ ކުރީ ސަފުގައި އެ ޕާޓީގެ ތުޅާދޫ ދާއިރާ މެމްބަރުންނާއި، ޤައުމީ ރޫހުގައި އިސްލާޙީ މަސައްކަތަށް ތާއީދުކުރި ދާއިރާގެ އެތައް ރައްޔިތުންނެއް ގުނާލެވެއެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ތުޅާދޫ ދާއިރާގެ މެންބަރުންނާއި، އިސްލާހީ މަސައްކަތުގައި ދެމިތިބި ފަރާތްތަކާ، އަދި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއްނެތި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރައީސަކާ، މެންބަރުން ހިމެނޭހެން އުފައްދާ މި ކޮމިޝަނަށް ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން ނުވަތަ ކޮންޓެންޓް ހުއްޓުމަށް އެންގުމާއި އަދި ކޯޓަށް ހުށަހަޅައިގެން ބްރޯޑްކާސްޓިންގ ލައިސަންސް ބާތިލު ކުރެވޭގޮތަށް، މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ޤާނޫނަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން"، އެ ބަޔާނުގައި ވެއެވެ.
"މީޑިއާގެ އެންމެ ބޮޑު ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުން ކަމުގައިވާތީވެ، ހާމަކުރެވޭ މައުލޫމާތުގެ ސަބަބުން މީޑިއާތައް ބަންދުކޮށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ބިލެއްފާސްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ބަޔަކަށް ދެވޭ ވަރަށްވެސް ބޮޑު ރައްކާތެރިކަން"، އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދަރީ ކުރުވުމުގެ ބަދަލުގައި، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މިފަދަ ޤާނޫނެއް ވުޖޫދު ކުޅައުމުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހުންނެވުމަކީ އެ ދާއިރާއިން ވަކިން ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުވުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރާ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައި އަބަދުމެ މިޑިއާ ދެމިއޮންނަން ޖެހޭ ކަމަށެވެ.
"މީޑިއާތަކުގެ މިނިވަންކަން ގެއްލޭގޮތަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަމުން ދުރުވެ ރައްޔިތުންގެ ޙައްޤުތައް ގެއްލޭގޮތަށް ފާސްކުރާ އެއްވެސް ޤާނޫނެއްގައި ބައިވެރި ނުވުމަށާއި، މިނިވަން ކަމާއެކު މަޖިލީހުގައި މަސައްކަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ކުރިއަށް ވަޑައިގަތުމަށް، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރަށް މި ފުރުޞަތުގައި ގޮވާލަން"، އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން