Monday, October 12
ހުނަވަރު ޕްރޮގްރާމް 54 ޒުވާނުން ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޕްރޮގްރާމް ކުރިއަށްގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެންނެވެ.

ޕްރޮގްރާމްގެ ނިމުން ފާހަގަކުރީ އިއްޔެ ރޭ ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޕްރޮގްރާމް ފުރިހަމަކުރި 54 ޒުވާނުންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ.

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ، އިބްރާހީމް ވަޙީދެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެމްއޭސީއެލްއިން މީހުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެމްއޭސީއެލް ފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމުތަކަކީ މުހިންމު ޕްރޮގްރާމުތަކެއް ކަމަށް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފް ވިދާޅުވީ "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ޕްރޮގްރާމްގެ މުޅިން އާ ބެޗެއް ވަރަށް އަވަހަށް އިުލާނުކޮށް ގިނަ ފުރުސަތުތަކެއް ހުޅުވާލާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމަކީ އެމްއޭސީއެލް އިން ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް އެމްއޭސީއެލް އިން ވަނީ ވަޒީފާ ދީފައެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު