''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ‘’ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' (ގާނޫނު ނަންބަރު: 7/2025) އަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.
މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީގައި ފެށި މި ޕްރޮގްރާމަކީ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމުގެ ތެރެއިން ބުދަ ދުވަހު އެކަނި ވެސް މާލޭގެ 138 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ގާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ހާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައި ބުނެދީ އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުުރުން، އެކި ކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، މިގޮތުން، މަސްތުވާތަކެއްޗާއި، ވައްކަމުގެ މައްސަލަތަކާއި، ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި، މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ތިމާގެ ފަރާތުން އަނެކާއަށް ވެސް މައުލޫމާތު ހިއްސާކޮށްދިނުމަށް ހަނދާންކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުން މުޖުމަތައުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެކަމާއި މީހަކު ކުށެއް ހިންގަން އުޅޭކަމަށް ތިމާއަށް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން ވެސް، ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ތަތްކޮށްފައިވެއެވެ.
މި ޕްރޮގްރާމް، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތަކުގެ އިތުރުން ގަރާޖުތަކާއި ތަންތަން ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކަށް ވެސް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް، މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން