ދިވެހި ބޭސްވެރިކަމަކީ ދިވެހި ޙަޟާރަތުގެ އަސާސީ ރުކުނެއް ކަމަށް ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަަމްް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބާވަތްތަކުން 100 ގަސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ތާރީޚުން އެނގޭ ގޮތުގައި އެކިއެކި ޞިއްޙީ މައްސަލަތަކަށް ދިވެހި ބޭސްވެރީން އިތުބާރާއެކު ފަރުވާކުރައްވައި ނަތީޖާ ނެރުއްވާފައި ވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަކިން ޚާއްޞަ ރުުއްގަލު ބޭހަކީ ދިވެހީން ވަރަށް ޔަގީން ކަމާއެކު އެ ފަރުވާ ހޯދާ، ނަތީޖާ ރަނގަޅު ބޭސްވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދިވެހި ބޭހުގެ މައިގަނޑު ބިނާވެފައި އޮންނަނީ ފަތްޕިލާވެއްޔާއި ގަސްގަހާގެހީގެ ކަމަށްކަމަށް ވާތީއާއި، އެ ތަކެއްޗަކީ ދިވެހިވަންތަކަމުގެ ބަަޔަކަށް ވާތީ، މި މަޝްރޫޢަކީ ދިވެހި ބޭސްވެރިކަމުގެ މައިދާނަށް ގެނެވޭ އިތުރު އާރޯކަމަކާއި ފެހިކަމެއް ކަމަށެވެ. މީގެ ސަބަބުން ދިރިގެންދާނީ މި ގަސްތައް އެކަނި ނޫން ކަމަށާއި، އޭގެ ބަދަލުގައި މި ކަންކަމާއި ދިވެހި ނަންތައް ވެސް ދިރި އާލާވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ފަރާތުން ވާހަކަފުޅުދެއްކެވި އެ ޖަމުޢިއްޔާގެ ނައިބު ރައީސް އިބްރާހީމް ސަލީމް ހާމަކުރެއްވިގޮތުގައި، ދިވެހިރާއްޖޭގައި ބޭސްވެރިކަމުގެ ފަތްޕިލާވެލި ހައްދައި އާލާކުރުމަކީ އުނދަގޫކަމެއް ނޫނެވެ. ރަށްރަށުގައި ވެސް އެ މަސައްކަތްކުރުމަކީ މާ ގިނަ ޚަރަދުތަކެއް ނުހިނގައި ކުރެވިދާނެ ކަމެކެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިޔަށްގެންދާ މި މަސައްކަތަކީ "ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢު" ގައި އެ މަރުކަޒުގެ ދައުރު އިތުރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ޠަބީޢީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ލިޔުން ކިޔާލުމުން