Tuesday, October 13
އ.ދ. ގެ ޓެކުހާ ބެހޭ މާހިރުންގެ ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ޢައްޔަންކޮށްފި

އ.ދ. ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން ޓެކްސް މެޓާސްގެ މެންބަރު ކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ޢައްޔަންކޮށްފިއެވެ.

މިގޮތުން އެ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކޮށްފައިވަނީ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް (ޓެކްނިކަލް އެންޑް ލީގަލް)، މުޙައްމަދު ޢަލީ ވަޙީދެވެ. އޭނާ ޢައްޔަންކުރައްވާފައިވަނީ އ.ދ. ގެ ޓެކުހާ ބެހޭ މާހިރުންގެ ކޮމިޓީގެ 2025 އިން 2029 އާ ދެމެދުގެ ދައުރަކަށެވެ.


މިކަމާ ގުޅިގެން މުޙައްމަދު ޢަލީ ވަޙީދަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ވަޙީދަކީ ޓެކުހާ ގުޅުންހުރި މައްސަލަތަކަށް ފަރިދަ އަދި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ޓެކުހާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދައި، އ.ދ. ގެ ޓެކުހާ ބެހޭ ކޮމިޓީގެ މަސައްކަތް ހަރުދަނާ ކުރުމަށް ބޭނުންވާ ހުނަރު ހުންނެވި ބޭފުޅެއް ކަމުގައެވެ.

މިއީ މި ކޮމިޓީއަކަށް ދިވެއްސަކު ޢައްޔަންކުރެވިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިކަމުން އަންގައިދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހީންނަށް ލީޑްކުރެވޭނެ ކަމާއި، އ.ދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އޮންނާނީ ދިވެހީންނަށް މިފަދަ ފުރުޞަތުތަކަށް އެއްބާރުލުންދީ މަގުފަހިކޮށްދިނުމުގައި ސާބިތުވެ ކަމަށެވެ.

އ.ދ. ގެ ޓެކުހާ ބެހޭ ކޮމިޓީއަށް ޢައްޔަން ކުރެވުނު 25 މެންބަރުންގެ ތެރޭގައި ހިމެނުނު ކަމަށްޓަކައި ވަޒީރު ވަނީ ވަޙީދަށް މަރުޙަބާ ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު