މި ސަރުކާރުގެ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެއްވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންގެ 54 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި ވަޒީރު ވަނީ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުން ކަމަށާއި، ކަރެކްޝަންސް އަށް ބޭނުންވާ ފަންނީ ބޭފުޅުން ބިނާ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އެދެނީ ކަރެކްޝަނަލް ސަރވިސްގެ ތާރީޚުގައިވެސް މިހާތަނަށްވެސް އަދާކުރަމުން އައި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވުން"، ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވީޑިއޯ މެސެޖު ނިންމަވާލެއްވީ ކުރިއަށް އޮތް އަހަރަކީ ކަރެކްޝަނަލް ސަރވިސްއަށް މިހާރަށް ވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މި ލިޔުން ކިޔާލުމުން