އާދިއްތަ, November 15
ދިވެހި ބޭސްވެރިކަމާ ގުޅުންހުރި ގަސްތައް މާލޭގެ ޕާކުތަކާއި ސަހަރާތަކާއި މިސްކިތްތަކުގައި އިންދަނީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރ ވަނީ ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި މަސައްކަތުގެ ބޭނުމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށެވެ. ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުގެ މި ފަދަ އެހީތެރިކަމާއެކު، ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާވެ، އެ ކަމުގެ ސަބަބުން ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވެއެވެ.

ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފެދިފައި ވަނީ 1980 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު