ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ، އެ ޤާނޫނަށް ގެންނަ ކޮންމެ އިސްލާހަކީ ރައްޔިތިން ބާރުވެރިކުރުވުމަށް ގެނައި އިސްލާހްތަކެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވެ، ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ވަނީ މިކަންކަން ކަމަށެވެ.
ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާ، ކަން އެގޮތުގައި ހިނގަމުންދާނަމަ، ވަޢުދުތައް ފުއްދުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއްކަމަށާ، ޚިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަސް ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމަށާއި ގާނޫނަށް ގެނައި އިސްލާހަކީވެސް ރައްޔިތުންގެ މަންފާއަށްޓަކައި ގެނައި އިސްލާހެއް ކަމަށެވެ.
ކައުންސިލްތަކަކީ އާމްދަނީ ހޯދުމަށް ފުރުސަތުދީފައިވާ ތަނަކަށްވާތީ ދައުލަތަށް ޓެކްސް ދައްކަން ޖެހޭ ކަމަށާއި ކައުންސިލްތަކުން އާމްދަނީން ޓެކްސް ނުދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް ގާނޫނަށް އިސްލާހެއް ގެނައީ ކައުންސިލަށް ލިބޭ އާމްދަނީން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާތީކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"ކައުންސިލްތަކުން އާމްދަނީ ހޯދުމުގެ ޖާގަ އޮވޭ ގާނޫނުގަ، ވަރަށް ފުޅާކޮށް އޮވޭ. އެ ހޯދާ އާމްދަނީ މިހޯދަނީ ކީއްކުރަންތޯ. ރައްޔިތުންނަށް ކަންކަން ކޮށްދޭން. އެހެންނަމަވެސް މި އާމްދަނީ ހޯދާފައި ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ ވިޔަފާރިއެއް ކޮށްފިއްޔާ، އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހޭ" ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ގިނަ ކައުންސިލްތަކުން ލިބިފައި ހުންނަ އާމްދަނީގެ ތަފާސް ހިސާބު ރައްޔިތުންނަށާއި އެލްޖީއޭއަށް ހާމަނުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ ދެފުށް ފެންނަ ގޮތެއް ނޫން ކަމަށާއި ރައްޔިތުން ހޮވާފައި އޮންނަ ކައުންސިލަކަށް ލިބޭ އާމްދަނީ ރައްޔިތުންނަށާއި ކަމާއި ބެހޭ އިދާރާތަކަށް ހިއްސާކުރަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން