ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ރޫޓު ކިހާދުއަށް ފަހިގޮތަކަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި ލަސްވަމުންދިއުމާއި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށާއި ރަށު އިންޖީނުގެ، މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކުރުމާއި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މެންބަރުން ވަނީ، ރަށު ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމާއި ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ރޫޓު ކިހާދުއަށް ފަހިގޮތަކަށް ބަދަލުކުރުމާއި، ކިހާދޫ ސްކޫލަށް ސައިންސް ލެބެއްގެ ބޭނުންޖެހިފައިވާކަމާއި ޞިއްޙީ މަރުކަޒަށް އެންމިބިއުލަންސެއް ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން