އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށްކަމަށާ، މިކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މިވަގުތު ބ. ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މީގެ އިތުރުންވެސް ބ. ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރިކަމަށާ، މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މިމަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ޖަލްސާގައި ދެއްވާފައެވެ.
ބ. ފުޅަދޫގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ޞިއްޙީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި އައު މިސްކިތެއް ބިނާކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ބ. ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ބ. ފުޅަދޫގެ ކައުންސިލާ ބ. އިންނަފުށި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ބ. ފުޅަދޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ލިޔުން ކިޔާލުމުން