Saturday, October 31
ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ކުޑަރިކިލު ކައުންސިލުން އެދިއްޖެ

ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ކުޑަރިކިލު ކައުންސިލުން އެދިއްޖެއެވެ.

ކުޑަރިކިލު ކައުންސިލުން މިކަމަށްއެދުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާ ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމާއި ކައިރީގައި އޮތް ފިނޮޅު، ރަށު ރައްޔިތުންގެ ބޭނުމަށް ހޯދައިދެއްވުމަށާއި ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުން ހިމެނެއެވެ. މީގެއިތުރުން ސްކޫލްގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި މި މަސައްކަތުގެ އިތުރަށް، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި ރަށު އިންޖީނުގެއާއި، ދުރު ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހުރި ދަތިތަކުގެ މައްޗަށް އެ ބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ. އަދި ރަށު ކައުންސިލާއި ޞިއްޙީ މަރުކަރުގެ ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު