Tuesday, October 13
މެލޭޝިޔާގައި މޯލްޑިވްސް ކޯނަރ އެއް ހުޅުވައިފި

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރުފުރުމާ ގުޅިގެން މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ޤާއިމްކުރެވިފައިވާ މޯލްޑިވްސް ސެންޓަރުގެ ފަރާތުން " މޯލްޑިވްސް ކޯނަރ" ގެނަމުގައި ބުކްކޯނަރ އެއް އިފްތިތާހް ކޮށްފިއެވެ.

މޯލްޑިވްސް ކޯނަރ ހުޅުވާ ދެއްވީ ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފިރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.

މޯލްޑިވްސް ކޯނަރ ހުޅުވުމާއެކު، ކުޑަކުދީންގެ ވާހަކަ ފޮތް ޝާއިއު ކުރާ ދިވެހިރާއްޖޭގެ އަމިއްލަ ފަރާތެއްކަމުގައިވާ "ތަކެތި" ގެ ފަރާތުން ކުޑަކުދީންގެ ވާހަކަ ފޮތް ހަދިޔާކުރިއެވެ. މި ފޮތް ހަދިޔާކުރެއްވީ "ތަކެތި" ގެ ވެރިފަރާތް ކަމުގައިވާ އަލްފާޟިލާ އާމިނަތު ޝަރީހާން އިބްރާހިމެވެ.

 

މޯލްޑިވްސް ކޯނަރ ގެ މައިގަނޑު މަޤްސަދަކީ މެލޭޝިއާގައި ގައި ދިރިއުޅޭ ދިވެހިންނާ އަދި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ދިވެހި ފޮތްތައް، ފަސޭހައިން ލިބޭނޭ މަގު ތަނަވަސްކޮށްދީ، މިކަމުގެ ސަބަބުން އެފަރާތްތައް ދިވެހި ބަހާއި އަދަބިއްޔާތައް ޝައުގުވެރިކުރުވުން ކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ދިވެހި ސަގާފަތާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، "ކަލްޗަރަލް ޑިޕލޮމެސީ"ގެ ދަށުން އަދަބީ އަދި ސަޤާފީ އެކި ހަރަކާތް ހިންގުމެވެ. ހަމައެއާއެކު، މޯލްޑިވްސް ކޯނަރ މެދުވެރިކޮށް ރާއްޖޭގެ ލައިބްރަރީތަކާއި ތަޢުލީމީ މަރުކަޒުތަކަށް މެލޭޝިއާގެ ޝާއިޢުކުރުންތައް ހިއްސާކުރުމެވެ.

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އަދި މެލޭޝިޔާގައި ދިރިއުޅޭ އެކި ފަރާތްތަކުން ރާއްޖެއާބެހޭގޮތުން ހަދާފައިވާ އިލްމީ ކަރުދާސްތައް މިސެންޓަރު މެދުވެރިކޮށް، ބޭނުންވާ އެހެން ފަރާތްތަކަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީވެސް އިފްތިތާހުވެގެން މިދިޔަ މޯލްޑިވްސް ކޯނަރ ގެ މުހިންމު މަޤްސަދެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު