ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކަގޮތުން މި އޮގަސްޓު މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ހިލޭ ޑިގްރީ ސްކީމަށް ދައުލަތުން ވަނީ 100،457،099.11ރ. ހޭދަކޮށްފައެވެ. މިއާއެކު މި ސްކީމް ތަޢާރަފްކުރި ދުވަހުން ފެށިގެން މިހާތަނަށް ކުރި ޚަރަދު ވަނީ 250،821،965.84ރ. އަށް އަރައިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު އެކަނިވެސް މި ސްކީމަށް 1،391 ދަރިވަރުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 873 އަންހެން އަދި 518 ފިރިހެން ދަރިވަރުންނެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 2،226 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،450 އަންހެން އަދި 775 ފިރިހެން ދަރިވަރުންނެވެ.
މީގެ އިތުރުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން މި ވަގުތު 8،357 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ހިމެނެނީ 5،268 އަންހެން ދަރިވަރުންނާއި 3،089 ފިރިހެން ދަރިވަރުންނެވެ.
މި ލިޔުން ކިޔާލުމުން