ލ. މާވަށުގައި ހިންގި މާރާމާރީގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން މޫސަގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.
މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވަނީ އޮގަސްޓު 6 ވަނަ ދުވަހު އެވެ. އަދި އޮޓޮޕްސީ އަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ)، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން