އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ހިފާ، ކޮންޓްރޯލް ނެގުމަށް ރާވާފައިވާ ރޭވުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ އެއްވެސް އަމަލަކީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
Strongly condemn the Israeli occupation authorities’ plan to take control of Gaza. Any such actions blatantly violate international humanitarian law and gravely infringe on the Palestinian people’s right to self-determination.
This decision not only deepens the suffering in the…
— Dr Mohamed Muizzu (@MMuizzu) August 8, 2025
މިކަމުގެ ސަބަބުން، ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅުމަށް އޮތް ތަކުލީފުތައް އިތުރަށް ބޮޑުވެ، ދެމެހެއްޓެނިވި ޞުލްޙައާއި ސަރަޙައްދީ ހަމަޖެހުމަށްވެސް ނުރައްކާވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޣައްޒާއަށް ވެރިވެގަތުމަށް، ނުވަތަ ފަލަސްޠީނުގެ ބާރުވެރިކަމާއި އިސްތިޤްލާލަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އިޒްރޭލުގެ ރޭވުންތައް ތަންފީޒުވިޔަނުދީ އެކަން ހުއްޓުވައި، ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމަށް ނިމުން ގެނެސް، ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި ހިންގާ ހުރިހާ ނުބައި ޢަމަލުތަކަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ، އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން އިލްތިމާސްކުރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.
އިސްރާއީލު އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުންވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާޢީލުން ހާމަކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިންހިލާފު ކަމެކެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެއެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކެމެވެ.
މި ލިޔުން ކިޔާލުމުން