Saturday, October 31
މުލީ ނޭޗަރ ޕާރކް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
މުލީ ނޭޗަރ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މުލީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މުލީ ކަންޒުކަހަނބު ފެންގަޑު އޮތް ސަރައްދުގައި ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކައުންސިލުން ބުނީ ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދިފައި  ހުންނަން ވާނީ ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ކަމަށެވެ. ކައުންސިލުން ވަނީ މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ގޮތުގެ ކުރެހުންވެސް ޝާއިޢުކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ނޭޗާރ ޕާރކް ތަރައްޤީކުރާ ޗަކަ ބިމުގެ ގޮތުގައި ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދު 2 ފޫޓު ފުންމިނަށް ކޮންނަންވާނެ ކަމަށާއި، ކުރެހުމުގައިވާ ގޮތަށް ވޯކުވޭގެ މަސައްކަތް ކުރެވެމުންދާއިރު ބޮޑު ގަހަކާ ދިމާވެއްޖެނަމަ ގަސް ނުކަނޑާ ވޯކްވޭއަށް ބަދަލުގެންނަންވާނެ ކަމަށާއި، ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު މަސައްކަތް ކުރުމަށް ކަނޑައަޅާ ސަރަހައްދު ބޭރުން ނުފެންނަ ގޮތަށް ބަންދުކުރެވެންވާނެ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 10 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރުމަށް، ނުވަތަ އެ އިދާރާގެ ކައުންޓަރުން ދޫކުރާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ ބިޑާ ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށާއި، މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރަންވާނީ 2025 އޯގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ކަމަށެވެ.

މި މަސައްކަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.

ކައުންސިލުން ބުނީ ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައި ކަމަށާއި،ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށައަޅަން ކަޑައެޅި ފައިވާ ތާރީޙާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށެވެ.

އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު