Saturday, October 31
ވަޒީރު ޑރ. ހައިދަރު، ޙަސަން ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފިއެވެ. އަލްމަރްޙޫމް ޙަސަން ޞާބިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގައި ކަމަށްވާތީ، ތަޢުޒިޔާގެ ދަފްތަރު ހުޅުވާފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައެވެ. ދަފްތަރު ހުޅުވިފައި އޮންނާނީ، މި އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ ޖުލައި 28 ވަނަ ދުވަހުއެވެ. އަލްމަރްޙޫމް ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ޤައުމުގެ އިޤްތިޞާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ޤައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު