އާދިއްތަ, November 15
ބައެއް ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާފައިވަނީ މިނިސްޓްރީން އެދިގެން: އެފްޑީސީ

ބައެއް ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލެވިފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ބެހޭގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކޮށްފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާ ކަމަށެވެ.

މިގޮތުން މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައި ކަމަށް އެފްޑީސީން ބުނެއެވެ.

ނަމަވެސް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާ ލާފައިވާއިރު، މި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އަންގަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް މިކޯޕަރޭޝަނުން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންގެ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި އެފްޑީސީން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު