އާދިއްތަ, November 15
ޑިމޮކްރަސީ ދުވަހާ ގުޅިގެން މަޖިލީހުން ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަނީ
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ، 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އާންމުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން ހާމަކޮށް، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، އާންމު ރައްޔިތުން ސިޔާސީ ކަންކަމުގައި ޝާމިލުވުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގެ ތީމްއަކީ، "ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" އެވެ.

މި މުބާރާތުގައި ދެ ކެޓަގަރީއަކުން ބައިވެރިވެވޭނެއެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީ އަދި ޖަމްޢިއްޔާތަކުގެ ކެޓަގަރީއެވެ. އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ކެޓަގަރީގައި 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ޖަމްޢިއްޔާތަކުގެ ކެޓަގަރީގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށެވެ.

އަދި ފޯމާއެކު ހުށަހަޅާ ފަރާތުގެ އައިޑީ.ކާޑުގެ ކޮޕީ ނުވަތަ ޖަމްޢިއްޔާގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަދި މުބާރާތުގައި ބައިވެރިކުރުމަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ވަން ޑްރައިވް ނުވަތަ ގޫގުލް ޑްރައިވް ލިންކް ޑައުންލޯޑް ކުރެވޭގޮތަށް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް އޮންލައިން އެޕްލިކޭޝަން ފޯމެއް އަދި ވީޑިއޯ ކްލިޕް ބަލައިނުގަނެވޭނެ ކަމުގައި މަޖިލިސް އިދާރާއިން ވަނީ ބުނެއެވެ.

މުބާރާތުގެ ވަނަތަކާއި އިނާމްގެ މަޢުލޫމާތު، މުބާރާތުގެ އުސޫލުގައި ހިމަނާފައިވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު