މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި، ދިވެހި ފުލުހުން ގުޅިގެން ކުރި ޚާއްޞަ މަސައްކަތެއްގައި، ފާއިތުވި ދެ ދުވަހުގެ ތެރޭގައި، މާލޭގެ ތިން ސަރަހައްދަކުން، 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތްކޮށްފައި ވަނީ، މާލެ ސާފު ތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.
މިގޮތުން ކުނި ނަގައިފައިވާ މާލޭގެ ތިން ސަރަހައްދަކީ، ބާޒާރުމަތީ، ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމަތީގެ އިތުރުން، އާންމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ، އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިންނެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މޭޔަރ އާދަމް ޢާޒިމް ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ގޮތުން މާލެ، ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން