ދިވެހިރާއްޖެއާއި ސްރީލަންކާއާ ގުޅޭ ކަނޑުގެ ސަރަހައްދުގެ މުއްސަނދިކަން ދެ ޤައުމަށް ނަފާވާނެހެން ބޭނުން ކުރުމުގެ ފުރުޞަތު އޮތް ކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގެ ތެރެއިން، ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސްރީލަންކާގެ ރައީސް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަނީ 2022 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އެކި ސިޔާސަތުތައް ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ބަދަލުތަކާއެކު ލަންކާގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރެވި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ.
ސްރީލަންކާގެ ރައީސް ވިދާޅުވި ގޮތުގައި ދިވެހި ވިޔަފާރިތަކަށް ލަންކާގައި އިންވެސްޓުކުރުމުގެ ފުރުޞަތު އޮތް ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަން، މަސްވެރިކަން، ރިއަލް އެސްޓޭޓް އަދި އައިސީޓީ ހިމެނެއެވެ. އެމަނިކުފާނު އިތުރަށް ވަނީ ދެ ޤައުމުގެ ގުޅޭ ކަނޑު ސަރަހައްދަކީ ޤުދުރަތީ މުއްސަންދިކަމެއް ލިބިފައިވާ ސަރަހައްދެއް ކަމުން މި ސަރަހައްދު ދެ ޤައުމަށް ނަފާވާނެ ގޮތަށް ބޭނުން ކުރެވޭނެ ކަމަށް ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަކީ ޤުދުރަތީ ވަސީލަތް މުއްސަންދި ސަރަހައްދެއް. އެހެންވީމަ ގުޅިގެން މަސައްކަތް ކުރެވޭނެ. ޙާއްސަކޮށް ކާބޯތަކެތީގެ ދާއިރާގެ ތެރެއިން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، އެކުއަކަލްޗަރ ފަދަ ދާއިރާތަކުން. ކަނޑުގެ ވަސީލަތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮތްއިރު، ދެމެހެއްޓެނިވިކަމަށް އިސްކަންދީގެ ދެ ޤައުމުގެ ވިޔަފާރިތައް ގުޅިގެން މަސައްކަތް ކުރެވޭނެ" ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް ވަނީ އިޤްތިޞާދީ ހާލަތުން އަރައިގަނެ، މިހާރު ޤާނޫނީ ގޮތުން އިންވެސްޓަރުންނަށް ލިބޭ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. މިއީ ލަންކާގައި އިންވެސްޓްކުރާ ފަރާތްތަކަށް އިތުބާރު އޮތް މާހައުލެއް ޤާއިމްކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
މި ލިޔުން ކިޔާލުމުން