Saturday, October 31
އަސްކޮއި ޓްރެވަލް ސަރވިސްގެ ހުއްދަ ހިފަހައްޓައި ގިނަ ފިޔަވަޅުތަކެއް އަޅައިފި

އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާއިބެހޭ އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެ ގްރޫޕާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކޮއި ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓާއި އެހެނިހެން ބައެއް ލިޔެކިޔުންތައް އަތުލުމާއެކު، ޖުލައި 24 ވަނަ ދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މި ވަގުތު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި، ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންވާ ކަމަށް ބުނެ، ޢުމްރާ ދަތުރު ފަސްކޮށްފައިވާކަން އެންގުމާ ގުޅިގެން، މި ދަތުރަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އެކަމުގެ ޝަކުވާ އެ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން، ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް ކުންފުނީގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށާއި، ކުންފުނީގެ އިސްވެރިޔާއާ ރަސްމީ ގޮތުން އެ ވުޒާރާއިން ކޮށްފައިވާ އެއްވެސް މުޢާމަލާތަކަށް ޖަވާބުދީފައި ވެސް ނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އެ ވުޒާރާގެ ފަރާތުން އަސްކޮއި ޓްރެވަލް އަށް ފޮނުވި ސިޓީއަށް މިހާތަނަށް އެ ކުންފުނީގެ ފަރާތުން ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް އެ ކުންފުނިން ޢަމަލުކޮށްފައިވާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ކުންފުންޏާމެދު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.

މިގޮތުން، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމަށާއި، އެ ކުންފުނި ޖޫރިމަނާކޮށް، އެ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށާއި، 2025 ޖުލައި ޢުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އެ ފަރާތްތަކަށް ހަވާލުކުރުމަށް އަންގައި، މައްސަލަ ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް އިސްލާމީ ވުޒާރާއިން ވަނީ ނިންމައިފައެވެ.

އެ ވުޒާރާއިން ވަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި އެ ވުޒާރާއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު