Saturday, October 31
ޢަބްދުއްރަޙްމާން ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން: ފުލުހުން

އއ. މާޅޮސްގައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޭނާގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ މާޅޮސް ގެއެއްގައި ނިދާފައި އޮއްވާ ބަޔަކު އައިސް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން، ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވީ ޖުލައި 21 ވަނަ ދުވަހުއެވެ.

އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހު އެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ޖުލައި 24 ވަނަ ދުވަހުގެ މެންދުރު ނަމާދުގެ ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު