ގއ. ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޝަރީފު ޢަބްދުއްރަޙްމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 1،400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމުގެ ދާއިރާގައި ކަމަށާއި، ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި ރަށުގައި މިހާރުވެސް އޮންނަ ކަމަށް ދެއްވަދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މިހާރު ދެއްވަދޫގެ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުން ޖާގަ ހޯދުމުގެ ދަތިކަން ކަމަށާއި، ބަނދަރުގެ ޖާގަ ކުޑަވުމާއެކު މަސްދޯނިފަހަރާއި މުދާ އުފުލާ ބޯޓުތަކާއި ލޯންޗުތަކާއި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ އެއްކޮށް ފުރި، ތޮއްޖެހިފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ދެއްވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެ. ލަފާފުރުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވެ ރަށު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް މި ކުންފުނިން ޤަބޫލުކުރަން"، އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫޢުގައި 60،672 ކިއުބިކް މީތަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީތަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި، 29 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 20 މީތަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމާއި، 1،980 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 103.09 މިލިއަން ރުފިޔާއަށް، 630 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި ލިޔުން ކިޔާލުމުން