ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ.
ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައު ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. އަދި ސްރީލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ޖާފަތެއްވެސް ވަނީ ދެއްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައިވެއެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.
މި ލިޔުން ކިޔާލުމުން