Friday, November 6
އިންޑިއާއިން އައި ގިނަ އަދަދެއްްގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފި

އިންޑިއާގެ މަޝްހޫރު ޓްރެވަލް ޕްލެޓްފޯމް ޕިކްޔޯޓްރޭލްއިން އިންތިޒާމްކޮށްގެން ގެނައި އިންޑިއާގެ 1،000 އިންސެންޓިވް ފަތުރުވެރިންގެ ގްރޫޕަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި  ދަތުރުގެ ސަބަބުން ރާއްޖޭގެ އެންމެ މުހިންމު އެއް ސޯސް މާކެޓުކަމަށްވާ އިންޑިއާގެ ކޯޕަރޭޓް އަދި ގްރޫޕް ދަތުރުފަތުރަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްޕީއާއާރުސީން މައުލޫމާތުދެއެވެ.

މޮޅެތި ފަންނާނުންނާއި މުވައްޒަފުން ހިމެނޭ މި ގްރޫޕް ރާއްޖޭގައި ތިބީ މިމަހުގެ 10 އިން 21 އަށް ސަން ސިޔާމް އޮޅުވެލީގައެވެ. މި ގްރޫޕަށް މަރުހަބާ ކިޔުމުގެ ގޮތުން ބޮޑުބެރު ޕާފޯމަންސަކާއި ކިއުރޭޓެޑް ވެލްކަމް ހަދިޔާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޓީމުން ތަހުނިޔާ ވަނީ ކިޔާފައެވެ.

މި  ދަތުރުގެ ސަބަބުން، ހައި ޕްރޮފައިލް މައިސް ދަތުރުތައް ބޭއްވުމުގެ ޤާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން އިތުރަށް ފާހަގަކޮށް، ޕްރިމިއަމް ތަޖުރިބާތައް ހޯދަން ބޭނުންވާ އިންޑިޔާގެ ކޯޕަރޭޓް ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމުކަން ފާހަގަކުރެވިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ޕިކްޔޯޓްރެއިލްއަކީ ދަތުރުތައް ރޭވުމުގައި އީޖާދީ ޓެކްނޮލޮޖީއަށް ބުރަވެފައިވާ ގޮތްތަކެއް ބޭނުންކުރާ އިންޑިއާގެ މާކެޓުގައި ވަރަށް ގިނަ ބަޔަކު ދަންނަ މަޝްޙޫރު ކުންފުންޏެކެވެ.

އިންޑިއާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ޕިކްޔޯޓްރެއިލްއާ އެކު ހިންގާ މި ހަރަކާތުގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ދަނީ މޭކް މައި ޓްރިޕް އަދި ޓީ.ބީ.އޯ ފަދަ އިންޑިއާގެ މަޝްހޫރު ދަތުރުފަތުރުގެ ބްރޭންޑްތަކާ ގުޅިގެން މަންޒިލު ކުރިއެރުވުމުގެ ކެމްޕެއިންތައް ވެސް ކުރިއަށްގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު