Saturday, October 31
މާލޭގެ މަގުތަކުން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ މިއަދު 13:30 އިން 19:30 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ވަނީ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު 10:00 އިން މާދަމާ 10:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު