ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނާޔަކެއާ ބައްދަލުކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާ ޕޮލިސްއާ ދެމެދު އެއްބާރުލުން އިތުރުކޮށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުގައި އޮޕަރޭޝަނަލް ޕޮލިސިންގ އަދި ތަހުގީގުގެ ދާއިރާގައި ގާބިލުކަން އިތުރުކުރުމާއި، ސްރީލަންކާ ޕޮލިހުން ހިންގާ ސްޕެޝަލް ޓާސްކް ފޯސް ތަމްރީނުތަކުގައި ދިވެހި އޮފިސަރުން ބައިވެރިކުރުން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލެވުނެވެ.
މި މަޝްވަރާތަކުގެ ތެރެއިން، ކަނޑުއަޑީގެ ފޮރެންސިކް ތަހުގީގުތަކުގެ ދާއިރާގައި ސަރަހައްދީ ފެންވަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮރެންސިކް ޑައިވިންގ ކޯހުގައި ބައިވެރިވުމަށް ދެ ފުލުހުން ނޮމިނޭޓްކުރުމަށް ސްރީލަންކާއަށް ދައުވަތު ދީފައިވެއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޓްރާންސްނެޝަނަލް ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާމެދު މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، ގާބިލުކަން އިތުރުކުރުމާއި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން، ހާއްސަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން ކުޑަކުދިންނާއި އާއިލާތަކާ ގުޅުންހުރި މައްސަލަތައް ބެލުމުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގައި ސީޕީ ނަވީން ވަނީ، ދެ ޤައުމުގެ ފުލުހުންގެ މުއައްސަސާގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުމަށް އަލިއަޅުވައި ލައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ގުޅިގެން މަސައްކަތްކުރުމާއެކު ތަމްރީނުތައް މެދުވެރިކޮށް ސަރަހައްދުގެ ރައްކާތެރިކަމަށް ދެ ގައުމުން ކުރެވޭ މަސައްކަތް ހަރުދަނާކުރުމަށް އަޒުމް އާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން