ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤްތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކިޔާލުމުން