އާދިއްތަ, November 15
މިއަދުން ފެށިގެން އައު ޓަރމިނަލްގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލްގައި މިއަދުން ފެށިގެން ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފިއެވެ. މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ވީއައިއޭގެ އައު ޓަރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވީ ރޭގައެވެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ. އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު