Saturday, October 31
މިނިވަން ދުވަހުގެ މާޗް ޕާސްޓާއި މަގުމަތީ ހިނގާލުން މާލޭގައި ބާއްވައިފި

މިނިވަން ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންގެ މާޗް ޕާސްޓާއި މަގުމަތީ ހިނގާލުން މާލޭގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ހަރަކާތްތަކާ އެކު ފެށި ސިފައިންގެ މާޗް ޕާސްޓަށް ފަހު މާލޭގެ މަގުތަކުގައި ވަނީ މަގުމަތީ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި މި ހަރަކާތްތަކުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ހަވީރު 16:15 ގައި ފެށި ސިފައިންގެ މާޗް ޕާސްޓާއި މަގުމަތީ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނިފައިވެއެވެ. މި މާޗް ޕާސްޓާއި މަގުމަތީ ހިނގާލުމުގައި ލަޝްކަރުގެ މެހިތަރަކަށް ހުންނެވީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ މާޗް ޕާސްޓަށް ފަހު، މާލޭގައި ބޭއްވި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ވަނީ މާލޭގެ ފަސް ސަރަހައްދެއްގައި ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. އެގޮތުން، ވެލާނާގޭ ކަންމަތިން ފެށި މަގުމަތީ ހިނގާލުމުގެ ލަޝްކަރު ވަނީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލީ ކަޅުތުއްކަލާކޮށްޓަށެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި ސިފައިންނާ އެކު، މި އަހަރު ކެޑޭޓުން ވެސް ބައިވެރިވިއެވެ. މި މަގުމަތީ ހިނގާލުންތައް ކުރިއަށްދިޔަ އިރު، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން ނިކުމެ، މަގުމަތީ ހިނގާލުން ބަލާލާފައިވެއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތުގައި މާދަމާ ހުޅުމާލޭގައި ވެސް މަގުމަތީ ހިނގާލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު