އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައިވެއެވެ. އަދި، ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް، ދެޤައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ވަނީ ނެރެފައެވެ.
މީގެ އިތުރުން މޯދީ ވަނީ ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އިންޑިއާގެ ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ. އަދި ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ބޮޑުވަޒީރު މޯދީ އިންދެވީ އަނބު ގަހެކެވެ. މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެކެވެ.
އަދި، މި ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ވެސް މޯދީ ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވައިފައެވެ. އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޓް އޮފް ދި އާޓް "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.
މީގެ އިތުރުން މޯދީ ވަނީ ރައީސް ޑރ. މުޢިއްޒާއެކު، މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވައިފައެވެ. އަދި މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރޭ ފުރަމާނަ ޖާފަތެއްވެސް ދެއްވައިފައެވެ.
ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.
މި ލިޔުން ކިޔާލުމުން