Saturday, October 31
ކުވޭތު ފަންޑުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް، ވަލީދު ޝަމްލަން އަލް ބަހަރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ މިނިވަން ދުވަހާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވުމުގެ މުނާސަބަތަށް އެކްޓިންގ ޑިރެކްޓަރ ޖެނެރަލާއި އެމަނިކުފާނުގެ ވަފުދު ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު ދަންނަވައި، އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އެކްޓިންގ ޑިރެކްޓަރ ޖެނެރަލް އަލް-ބަހަރް ވަނީ އެއާޕޯޓު ޓަރމިނަލް ހުޅުވުމާއި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ކުވޭތު ފަންޑާއި ރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އިޤުތިޞާދާއި، ޞިއްޙީ ފަރުވާއާއި، އިއާދަކުރަނިވި ހަކަތަ އަދި މަސްވެރިކަން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ، ކުވޭތު ފަންޑުން ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

މިބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެފަރާތުންވެސް ހިއްސާކުރާ އުސޫލުތަކާއި އުއްމީދުތަކާއި، އަދި ރާއްޖެއާއި ކުވޭތާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުގެ އަޒުމް އަލުން ކަށަވަރުކޮށްދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު