އާދިއްތަ, November 15
ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އެއް މަޤުޞަދު: ޚުޠުބާ

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާއްވައިލެއްވުނު މައިގަނޑު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ބުއްދި ޙިމާޔަތްކުރުން"، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން ނުވަތަ ބޯއެއްޗަކުން ނުވަތަ ކުރާ ޢަމަލަކުން ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ މާތްﷲ އިންސާނާ އެހެން މަޚުލޫޤުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުން ކަމަށާއި، އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫޤުންނަށްވުރެ ފުރިހަމަވުމުން ކަމަށެވެ. އަދި، މާތްﷲ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާއްވައިލައްވައި އެ ހުރިހައި ކަމަކާމެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށާއި، ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް މާތްﷲ މަދަހައިގެ ބަސްފުޅު ވަހީކުރައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

"މާތްﷲ އިންސާނާއަށް ދެއްވި ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރާފައިވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދަފައިވާ ކުރިއެރުންތަކާމެދު ވިސްނައިފިނަމަ، އޭނާ އަންތަރީސްވާނެ. މި ކައުނުގައި އިންސާނާއަށް ދެނެގަނެވިފައި ނުވާ ކިތައް ކިތައް ކަންތައް ވާނެހެއްޔެވެ؟ އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ﷲއާއި އެކަލާނގެ ރަސޫލާ އަންގަވަނީ ޢިލްމު އުނގެނުމަށް. ޢިލްމީ ދިރާސާތައް ކުރުމަށާއި ތަފާތު ހޯދުންތައް ހޯދުމަށް. ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމަށް"، ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ އޮންލައިންކޮށް ޖުވާ ކުޅުމާއި ގޮތް ނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެކަމަށް ދެވިހިފައި މާތްﷲ ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައި ފިކުރުމަށް ހުރަސްއެޅި ޝައިޠާނާގެ ދަންތުރައިގައި ޖެހިދާނެ ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު