އާދިއްތަ, November 15
މިނިވަން ދުވަހާ ގުޅިގެން ސިފައިން ބާއްވާ ހިނގާލުން މާލެއާއި ހުޅުމާލޭގައިވެސް އޮންނާނެ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26 ވަނަ ދުވަހުގެ 16:15 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައި ކަމަށާއި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27 ވަނަ ދުވަހުގެ 16:15 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު ފަސް ގެމައެއް ހިމެނޭނެ ކަމަށާއި، މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީ ކަމަށެވެ.

މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު