މިނިވަން ދުވަހު ހަވީރު ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
އަދި މި ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް، މި ތިން ދުވަހު ކަނޑައެޅިފައިވާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން ޖުލައި 25 ވާ ހުކުރު ދުވަހުގެ 13:00 އިން 18:00 އަށް ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ޖުލައި 26 ވަނަ ދުވަހު 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހުގެ 18:00 އިން 00:00 އާ ދެމެދު ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް ފިޔަވައި އެހެނިހެން އުޅަނދު މާލޭގެ މަގުތަކުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
އަދި ފުލުހުންގެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގައިވެސް އިޢުލާންގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން