ނ.ވެލިދޫގެ ބިން ހިއްކުުމާއި އައު ހޮސްޕިޓާ ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.ވެލިދޫއަށް އެމަނިކުފާނު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ވަކިވަކިން ބޭއްވި ހަފުލާތަކެއްގައި އެ ރަށުގައި ކުރިއަށްގެންދާ މުހިއްމު ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އަލަށް މަސައްކަތް ފެށި މަޝްރޫއުތަކުގެ ތެރޭގައި ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއާއި ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ.
ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އޭގެ އިތުރަށް އެ ރަށުގެ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާވެސް މިއަދު އަޅުއްވާފައިވެއެވެ. އެ އިމާރާތުގެ ބިންގާ އެޅުއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި މަސައްކަތް ހަވާލުކޮށްފަައިވަނީ އާރްޑީސީއާއެވެ.
އޭގެ އިތުރަށް އެ ރަށުގައި އަލަށް އަޅާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވާފައިވެއެވެ. އަދި އެ ރަށުގައި ގާއިމުކުރާ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ސެންްޓަރުގެ ބިންގާވެސް އަޅުއްވާފައިވެއެވެ. މި ދެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
މި ލިޔުން ކިޔާލުމުން