ނ. ލަންދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، މި ސަރުކާރުން، ވީ އެންމެ ރަނގަޅަކަށް އެކަންކަން ކޮށްދެއްވުމަށްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު، ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނ. ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، އެފަދައިން ޚިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ މިނޫންވެސް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ހަމަމިއާއެކު ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފެށިފައިވާއިރު ވަކީން ޚާއްޞަކޮށް، ހޭންޑްބޯލް ކޯޓެއް ތަރައްޤީ ކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޭނުންވެފައި އޮތް ކަމަކަށް ވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ޚާއްޞަ ކުރައްވައިގެން ހޭންޑްބޯލް ކޯޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހީރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނ.ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ވަޢުދަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.
ހަމަ މިއާއެކު ނ.ލަންދޫގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. ދެން އެމަނިކުފާނު ނ. ލަންދޫއަށް ވަޑައިގަންނަވާއިރު، މިކަންކަން ނިމިފައި ހުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވާނީ ފާހަގަކުރައްވާފައެވެ.
މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން