Friday, November 6
ކެނދިކުޅުދޫ ނޭޗަރ ޕާކް ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައިފި

ނ. ކެނދިކުޅުދޫ ނޭޗަރ ޕާކް ވިޒިޓަރ ސެންޓަރަށް، "މެންގްރޯވް ސެންޓަރު"ގެ  ބިންގާ އަޅައިފިއެވެ. މި  ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމްއެވެ.

މި ސެންޓަރުގެ ބިންގާ އެޅީ ރައީސުލްޖުމުހޫރިއްޔާ ނ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގގެތެރެއިންނެވެ. އިއްޔެ ބޭއްވި މި ރަސްމިޔާތުގައި އެމަނިކުފާނުވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ސެންޓަރަކީ ރަށްފުށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް (އީކޯ-ޓޫރިޒަމް)، ތިމާވެއްޓާބެހޭ ތަޢުލީމު ދިނުމަށް، އަދި ގުދުރަތީ ރީތިކަން ހުރި ތަންތަނުގައި މަޖާކޮށްލުމަށް ޚާއްސަ މަރުކަޒެއްގެ ގޮތުގައި ޚިދުމަތް ދޭނެ ތަނެކެވެ. މި ސެންޓަރުގެ ސަބަބުން، ކެނދިކުޅުދޫގެ ދޮންކަނޑި (މެންގްރޯވް) ފަދަ މުއްސަނދި ގުދުރަތީ ވަސީލަތްތަކާ ފަތުރުވެރިންނަށާއި ރަށްވެހިންނަށް ގުޅިލާމެހުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ކެނދިކުޅުދޫގެ މުޖުތަމަޢަށް އެހީތެރިވެ، ދިރިއުޅުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މި މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮންމެ އަތޮޅަކުން އެއް ނޭޗަރ ޕާކް ޤާއިމްކުރުމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން ހާސިލްކުރެވޭ މުހިންމު ކުރިއެރުމެކެވެ. މުސްތަޤްބަލަށް ޒިންމާދާރުކަމާއެކު ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ރާއްޖޭގެ ރަށްތަކާއި މުޖުތަމަޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ގުދުރަތީ މާހައުލު ރައްކާތެރިކުރުމަށާއި، ގުދުރަތީ ވަސީލަތްތަކުން ފައިދާނެގޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަޒުމުކަނޑައަޅާކަން މިނިސްޓަރުގެ މި ހަރަކާތުން ދައްކުވައިދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު