މާފަރު ޞިއްހީ މަރުކަޒަށް 15 އެނދު އިތުރުކޮށް އަލުން އެގްރިމަންޓްގައި ސޮއިކުރުމަށް ނިންމައިފިއެވެ.
މިއަދު ނ މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އާދީއްތަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އެގްރީމަންޓް އަލުން ސޮއިކޮށްގެން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެކަމުގައެވެ.ރައީސް ވިދާޅުވީ މަދުވެގެން 15 އެނދު އިތުރު ކުރައްވާނެކަމަށެވެ.
''ރޭގަ ސޮއިކުރެވުނު މަޝްރޫޢުގަ އިތުރު ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަން އަޅުގަނޑަށް މިއަދު މައުލޫމާތުމިލިބުނީ، އަޅުގަނޑު މިހާރު ދަންނަވާފައިވާނެ، މިހަފްތާ ނިމުމުގެ ކުރިން ރައްޔިތުންބޭނުންވާ ސްކޯޕްގަ ނޫނީ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު ފަނަރަ އެނދު ހިމެނޭގޮތަށް ބަދަލުކޮށް ރަނގަޅުފެންވަރުގެ ޞިއްހީ މަރުކަޒެއްގޮތަށް އެގްރިމަންޓް އަލުން ސޮއިކޮށްގެން މަސައްކަތް ފަށަން'' ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހަމަމިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިއެވެ.
ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ ކަންކަން ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައިއެވެ. އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ މިމޭރުމުން ބައިނަލްއާޤުވާމީ އެއަރޕޯޓެއް މާފަރުގައި އޮތްއިރު، އެކަމަށް އެންމެ އެކަށޭނަ ފެންވަރުގައި، ވަށާޖެހެނިވި ގޮތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، އައު މަޝްރޫޢު ފެށިގެންދާ ރަށެއްގެ ގޮތުގައި، 2026 ވަނަ އަހަރު ނ. މާފަރުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢު ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިއެވެ. އަދި ދެންވެސް ހުރި މިފަދަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައިއެވެ.
މި ލިޔުން ކިޔާލުމުން