އާދިއްތަ, November 15
ބައެއް ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސް، ހއ. އާއި ވ. އަތޮޅާ ދެމެދަށް ހުދު ސަމާލު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 09:30 އިން 14:30 އަށް ހއ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ. އަދި މި ވަގުތުތަކުގައި މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މިއަދު 10:00 އިން މާދަމާ 10:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު